ޝަރުތުތަކަކާއެކު އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން ސަލަފު ޖަމިއްޔާއިން ތާއީދުކޮށްފި

Oct 29, 2026, 9:32 AM
ސަލަފް ޖަމިއްޔާގެ ބައެއް އިސްވެރިން -- ފޮޓޯ: ސަލަފް

ސަލަފް ޖަމިއްޔާގެ ބައެއް އިސްވެރިން -- ފޮޓޯ: ސަލަފް

ވަކި ޝަރުތުތަކެއް ކަނޑައެޅުމަށްފަހު ދިވެހިރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުވަން އިސްލާމް ދީނުގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔަތުއް ސަލަފުން ތާއީދުކޮށްފި އެވެ. 

އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ތާއީދުކޮށް ސަލަފުން މިއަދު ބަޔާނެއް އާންމު ކުރީ އިޒްރޭލާއި ޒަޔަނިސްޓުންނަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަން ސަރުކާރުން ނިންމި ނިންމުން ދިރާސާ ކުރުމަށްފަހު އެވެ. 

ސަލަފުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމުގެ ކުރިން ރާއްޖޭގައި އިސްލާމީ ދައުލަތެއް ހިނގާނެކަން ހިމެނޭ ގޮތަށް ބައެއް މުހިންމު ކަންކަން ކަށަވަރު ކުރަންޖެހޭ ކަމަށެވެ. 

"މިފަދަ ހާއްސަ ސަރަހައްދުތަކުގެ ސަބަބުން މުސްތަގްބަލުގައި ދީނީ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ފުރުސަތު ފަހިވެ، ދިވެހި މުޖްތަމައުގެ އިސްލާމީ ޝަހުސިއްޔަތަށާއި ގައުމުގެ ސިޔާދަތާއި މިނިވަންކަމަށާއި ޒަމާނުއްސުރެ ދަމަހައްޓަމުން އައި އިސްލާމީ ގައުމީ އުސޫލުތަކަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުމުގެ ދުސްތޫރީ ނިޒާމަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރާނެ ފަދަ ހަރުދަނާ އުސޫލެއްގެ މަތިން އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް އަދުގެ ސަރުކާރަށާއި މުސްތަގްބަލުގައި އަންނަން އޮތް ސަރުކާރުތަކަށް އިހުލާސްތެރިކަމާއެކު އަޅުގަނޑުމެން އިލްތިމާސް ކުރަން،" އެ ބަޔާނުގައިވެ އެވެ. 

ސަލަފުން ނެރުނު ބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވަނީ އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވުމުގެ ކުރިން އަށް ކަމެއް ކަށަވަރު ކުރުވުމަށެވެ. އެއީ؛

  1. އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތް ކުރުން
  2. ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތް ކުރުން
  3. އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުން
  4. ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގްތިސާދީ ތަރައްގީއަކަށް އަމާޒުހިފުން
  5. ދެފުށްފެންނަ ހާމަކަން ބޮޑު ސިޔާސަތެއް ގާއިމް ކުރުން
  6. ހުޅުވާލެވިފައިވާ އިގްތިސާދެއް އޮތުން އަދި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުން
  7. ދާއިމީ މޮނިޓަރިންގެ ނިޒާމެއް ގާއިމް ކުރުން
  8. އިޖްތިމާއީ އަސަރުތައް ވަޒަން ކުރުން

ރަސްމާލޭގެ އެއްވެސް ތަނެއް އަދި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އިޒްރޭލުގެ ރައްޔިތަކަށް ވަޒަންވެރި ނުވެވޭނެ ގޮތެއް ކަށަވަރު ކުރަންޖެހޭ ކަމަށް ވެސް ސަލަފުގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ރަސްމާލެ މަޝްރޫއިން ދިވެހި ރައްޔިތުންނަށް ބޮޑު މަންފާއެއް ލިބޭނެކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފި އެވެ. 

އޭގެ އިތުރުން، އެފަދަ މަޝްރޫއުއެއް ކުރިއަށްގެންދިޔުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ މަޝްވަރާ ވަރަށް ފުޅާ ދާއިރާއެއްގައި ހޯދުމަށް ސަލަފުގެ ބަޔާނުގައި އޮތީ ސަރުކާރަށް ގޮވާލައިފަ އެވެ. 

"މިފަދަ ބޮޑު ނިންމުންތަކުގައި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި މުޖްތަމައުގެ އަފުރާދުން ފާޅުކުރާ އިހުލާސްތެރި ހިޔާލާއި މަޝްވަރާ ވީހާ ވެސް ފުޅާ ދާއިރާއެއްގައި ހޯދައި ރައްޔިތުންގެ އިތުބާރު އޮންނާނެ ގޮތަކަށް ކަންކަން ކުރިއަށްގެންދިއުން [ލާޒިމު]،" ސަލަފުގެ ބަޔާނުގައި ބުނެފައިވެ އެވެ. 

ރަސްމާލޭ މަޝްރޫއު ކުރިއަށްދާނެ ގޮތް މިހާތަނަށް ހާމަވެފައިނުވާ ކަމަށް ވެސް ސަލަފުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

"މަޝްރޫއުގެ އަމަލީ އަދި ގާނޫނީ ތަފުސީލުތައް ފުރިހަމައަށް ކަށަވަރުވެގެންދާނީ އެ އެއްބަސްވުމާއި ކަމާ ބެހޭ ގާނޫނު ވުޖޫދުވުމުން،" ސަލަފުން ބުންޏެވެ.

ހަމައެއާއެކު ރަސްމާލޭ މަޝްރޫގެ އެއްބަސްވުންތައް ހާމަކުރަން ވެސް އެ ޖަމިއްޔާއިން ގޮވާލި އެވެ. އަދި އެ ޕްރޮޖެކްޓުގެ ގާނޫނީ އޮނިގަނޑު ފަރުމާ ކުރަންޖެހޭނީ ގައުމީ މަސްލަހަތު އެންމެ އިސްކުރުމަށްފަހު ކަމަށް ސަލަފުން ބުނެފައިވެ އެވެ. 

"... އެއްބަސްވުން ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޝްވަރާއާއެކު އިސްލާމީ އަދި އިޖްތިމާއީ މިންގަނޑުތަކަށް ފުރިހަމައަށް ބޯލަނބާކަން މޮނީޓާކޮށް، ގައުމީ މަސްލަހަތު އެންމެ އިސްކޮށް ރައްކާތެރި ކުރެވޭނެހެން މަޝްރޫއުގެ އެއްބަސްވުންތަކާއި ގާނޫނީ އޮނިގަނޑު ފަރުމާ ކުރުމަށް ދިވެހި ސަރުކާރަށް ޖަމިއްޔަތުއް ސަލަފުން އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ. 

ސަރުކާރުން ބުނަނީ ރަސްމާލެ ދޫކޮށްލަނީ 99 އަހަރަށް ކަމަށެވެ. އެކަމަކު އަލައްބާރުގެ އީގަލް ހިލްސް ކުންފުނިން ބުނީ ރަސްމާލެއިން ފުރަތަމަ ލިބޭ 99 އަހަރުގެ ކުލީގެ މުއްދަތު ހަމަވުމުގެ ކުރިން އެތަން ވިއްކާލައިފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން މަސައްކަތް ކުރަނީ ނޮވެމްބަރު 11، ގަ އެވެ. އެއީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. 

ރަސްމާލެ ވިއްކާލަން ސަރުކާރުން ޑީލެއް ހެދީ، އެތަނުގެ ވެލިފުކެއް އެންމެ ދުވަހަކަށް ނަމަވެސް ބޭރުގެ ބަޔަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދޭން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވުމަށްފަހު އެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox